ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން މާދަމާ ޕްރައިމް މިނިސްޓާސް ހައުސް ގައި: ޕާކިސްތާނުން ދިވެހި ޒަޢީމަށް މަތީ އިޙްތިރާމެއް!

ޚާރިޖީ ވަރުގަދަ ގުޅުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޚާރިޖީ ވަރުގަދަ ގުޅުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ލާމަސީލު އަޚުވަންތަކަމާއި ޚާރިޖީ ވަރުގަދަ ގުޅުން ރަމްޒުކޮށްދެމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ދައުލަތުގެ ރަސްމީ ފުރަމާނަ ދަތުރުފުޅުން، އެ ޤައުމުން ދިވެހިރާއްޖެއަށާއި ރައީސްގެ ޒަޢާމަތަށް ކުރާ މަތީ އިޙްތިރާމާއި ބަހައްޓާ ޚާއްޞަ ގާތްކަން ހާމަވެގެން ހިނގައްޖެއެވެ.

މި މަހުގެ 20 އިން 22 އަށް ކުރިއަށްދާ މި މުހިންމު ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ފަސްގަނޑަށް ފައިތިލަ ކުރެއްވި ހިސާބުން ފެށިގެން، އެ ޤައުމުގެ ސަރުކާރުން ވަނީ ދިވެހި ޒަޢީމަށް އެންމެ މަތީ ފަންތީގެ ގާތްކަމާއި މެހެމާންދާރީއެއް އަދާކޮށްފައެވެ. އެއާޕޯޓުން ރައީސަށް ކިޔާފައިވާ ހޫނު އިސްތިޤްބާލާއި، އެމަނިކުފާނުގެ ޝަރަފުގައި އެރުވި ޢަސްކަރީ އެންމެ މަތީ އިޙްތިރާމް ކަމުގައިވާ 21 ބަޑީގެ ސަލާމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.

މި ދަތުރުފުޅުގެ އެންމެ ޝަރަފުވެރި އެއް ހަރަކާތް ކަމުގައިވާ، ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ އޮންނާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ "ޕްރައިމް މިނިސްޓާސް ހައުސް" ގައެވެ. ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަކީ، ޕާކިސްތާނުން ދިވެހިރާއްޖޭގެ ރައީސަށް ބަހައްޓަވާ ޚާއްޞަ ޤަދަރާއި، ދެ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސް ޑރ. މުޢިއްޒުގެ ދައުރާއި ތަޞައްވުރަށް ކުރާ ފުރިހަމަ އިޙްތިރާމް ބަޔާންކޮށްދޭ މުހިންމު ނިޝާނެކެވެ.