ސިންގަޕޫރުގެ ރީތި އޯކިޑަކަށް ރައީސްގެ ދެކަނބަލުންގެ ނަމުން ނަންދީފި!
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ.
ބޮޓޭނިކަލް ގާޑަންއަކީ އެކި ވައްތަރުގެ މާމެލާމެލީގެ ގިނަ ބަގީޗާތައް އެކުލެވޭ ތަނެކެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލުތަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ވަނީ ބޮޓޭނިކަލް ގާޑަންގެ ނެޝަނަލް އޯކިޑް ގާޑަންއަށްވެސް ޒިޔާރަތްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އޯކިޑް ގާޑަންއިން މަރުހަބާ ދެންނެވީ އެގްޒެކެޓިވް ޑިރެކްޓަރ އޮފް ނޭޝަނަލް ޕާކްސް އެންޑް ގާރޑަންސް ކްލަސްޓަރ، ގުރޫޕް ޑިރެކްޓަރ އޮފް ސިންގަޕޫރް ބޮޓާނިކް ގާޑެންސް ޑރ. ޓަން ޕުއޭ ޔޯކްއެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ނެޝަނަލް އޯކިޑް ގާޑަންއަށް ޒިޔާރަތްކޮށް މަލަށް ނަން ދިނުމުގެ ފުރުޞަތު އަރުވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށްވެސް މި ފުރުޞަތު ވަނީ ދެއްވާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ އޯކިޑް ގާޑަންގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ބަގީޗާ ބައްލަވާލެއްވިއެވެ.
Ads by BMLމިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލާއި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު މޫސާ ޒަމީރާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ އިތުރުން އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިންގަޕޫރުގެ ބޮޓޭނިކް ގާޑަންއަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ލިސްޓުގައި ހިމެނޭ ފުރަތަމަ އަދި ހަމައެކަނި ޓްރޮޕިކަލް ބޮޓާނިކް ގާޑަންއެވެ. މިތަނުގައި އޮންނަ އޯކިޑް ބަގީޗާގައި ގާތްގަނޑަކަށް 60،000 އޯކިޑް ގަހާއި 1،000 އަށް ވުރެ ގިނަ ތަފާތު ވައްތަރުގެ އޯކިޑް ގަސްތައް ހުރެއެވެ.
Ads by MACL
