ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ރޯކޮށްލަން ގޮވާލި ޒިހާން ހައްޔަރުކޮށްފި
ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައާ ގުޅިގެން، ސިފައިންގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލައި ފޭސްބުކްގައި ޝާއިއުކުރި ސްޓޭޓަސްއެއްގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޒިހާން ކުރި ފޭސްބުކް ޕޯސްޓުގައި ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކޮށްފިނަމަ "މަޖާވާނެ" ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ޕޯސްޓު ޝާއިއުކުރިތާ ގަޑިއިރެއްހާއިރުގެ ތެރޭގައި އޭނާ ވަނީ ފޭސްބުކުން އެ ޕޯސްޓު އުނިކޮށްފައެވެ.
Ads by BMLއެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ.
މި ސަރުކާރުގައި އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވި ނަމަވެސް، ފަހުން ވަނީ އެ މަގާމުންވެސް ވަކިކުރައްވާފައެވެ. މަގާމުން ވަކިކުރި ފަހުން ޒިހާން އަންނނީ ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޚިޔާލުފާޅުކުރަމުންނެވެ.
Ads by MACL
