ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ އިންޑިއާ އަދި ބަންގްލަދޭޝްގެ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ މުޙައްމަދު ރަސެލް މިއާއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ކަމަށެވެ. އެގޮތުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
Ads by BMLމި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށްގެންދާއިރު، ހައްޔަރުކުރެވުނު ދެ މީހުންނާމެދު ފިޔަވަޅު އަޅާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ގާނޫނާ ހިލާފު މިފަދަ ކަންކަން ހުއްޓުވުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
Ads by MACL
