ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނާއި ރާއްޖޭގެ ޚާރިޖީ ގުޅުން: ސަރަހައްދީ އަޚުވަންތަކަމުގެ ރަން ތާރީޚެއް!

ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް، ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާގެ ކުރިމަތީ މަންޒަރެއް / ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް، ރައްޔިތުންގެ މަޖިލިސް ކުރާ އިދާރާގެ ކުރިމަތީ މަންޒަރެއް / ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޚާރިޖީ ގުޅުމަކީ އިސްލާމީ އަޚުވަންތަކަމާއި ސަރަހައްދީ އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ، ވަރަށް ދިގު އަދި ވަރުގަދަ ތާރީޚެއް އޮތް ގުޅުމެކެވެ.

ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު، އެކި ގައުމުތަކާއެކު ގުޅުން ގާއިމްކުރަން ފެށި ސިޔާސަތުގެ ދަށުން ޕާކިސްތާނާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމްކުރީ 26 ޖުލައި 1966 ގައެވެ. މި ގުޅުމަށް 60 އަހަރު ފުރެން ކައިރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ވެރިޔަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވުމުން، މިއީ ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ ތާރީޚީ ފިޔަވަޅެކެވެ.

ފާއިތުވި ދިގު މާޒީގައި ޕާކިސްތާނުން ވަނީ ރާއްޖޭގެ އިގްތިސާދީ، ގާނޫނީ އަދި އުމްރާނީ ތަރައްގީއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 1976 ގައި ޕާކިސްތާނުގެ ހަބީބް ބޭންކް ރާއްޖޭގައި ގާއިމްވެ، މާލީ ދާއިރާއަށް އެހީތެރިވިއިރު، ރާއްޖޭގެ ހަތަރުވަނަ ގާނޫނުއަސާސީ އެކުލަވާލުމުގައި ޕާކިސްތާނުގެ ފަންނީ ވަކީލުންގެ އެހީތެރިކަން ލިބިފައިވެއެވެ.

މީގެ އިތުރުން، ދެ ގައުމުގެ އެކުވެރިކަމުގެ އެންމެ ބޮޑު ނިޝާނަކީ ޕާކިސްތާނު ސަރުކާރުގެ ހަދިޔާއެއްގެ ގޮތުގައި ބިނާކޮށް، 1998 ވަނަ އަހަރު ބޮޑުވަޒީރު ނަވާޒް ޝަރީފް ހުޅުވައިދެއްވި ރައްޔިތުންގެ މަޖިލިސް ކުރާ ގެއެވެ. ހަމައެހެންމެ، 2004 ގެ ސުނާމީ ކާރިސާގެ ދަނޑިވަޅުގައި ޕާކިސްތާނުގެ އަސްކަރީ މަނަވަރުތަކުން ރާއްޖޭގެ ރިސޯޓުތަކުން ފަތުރުވެރިން ސަލާމަތްކުރުމުގައި ދިން އެހީތެރިކަމަކީ ދިވެހިން އަބަދުވެސް ހަނދާންކުރާނެ އިންސާނީ އެހީތެރިކަމެކެވެ.

ދެ ގައުމުގެ ދައުލަތުގެ އިސްވެރިންގެ ފެންވަރުގައި ކުރެވިފައިވާ މުހިންމު ދަތުރުފުޅުތަކަކީ މި ގުޅުން ދެމެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ވަސީލަތެވެ. ރާއްޖޭގެ ވެރިޔަކު އެންމެ ފުރަތަމަ ޕާކިސްތާނަށް ވަޑައިގަތީ 1984 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އަދި އޭގެ ރައްދުގައި 1985 ގައި ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙަންމަދު ޟިޔާއުލްޙައްޤު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

ސަރަހައްދީ ޖަމްއިއްޔާ، ސާކްސަމިޓުތަކުގެ ތެރެއިން ވެސް ދެ ގައުމުގެ ލީޑަރުން ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވާއިރު، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

ރައީސް މައުމޫނަށްފަހު 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، މިހާރު ރައީސް ޑރ. މުޢިއްޒު ކުރައްވާ ދަތުރުފުޅަކީ މި ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އައު ދާއިރާތަކުން ގުޅުން އާލާވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާ ދަތުރުފުޅެކެވެ.