ސަޢޫދީގެ ޤާނޫނީ ނިޒާމަށް ފާޑުކިޔުމުގެ ކުރިން ޙަޤީޤަތް ބެލުން މުހިންމު: އާޒިމާ
ސަޢޫދީ އަރަބިއްޔާއިން ތަންފީޛުކުރާ ޤާނޫނީ ޙުކުމްތަކަށް ފާޑުކިޔުމުގެ ކުރިން، އެ ޤައުމެއްގެ ސިޔާދަތީ ޤާނޫނީ އޮނިގަނޑާއި އިސްލާމީ ޝަރީޢާގައިވާ ތަޢުޒީރީ އަދަބުތަކުގެ އުޞޫލުތައް އޮޅުންފިލުވުން މުހިންމުކަމަށް ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސަޢޫދީގެ މިސްކިތެއްގެ ޙުރުމަތް ކެނޑި މައްސަލައެއްގައި އަންހެނަކާއި ފިރިހެނަކަށް މަރުގެ އަދަބު ތަންފީޛުކުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް އަލިއަޅުއްވާލައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢާޒިމާ ވިދާޅުވީ މައްކާ ފަދަ މާތް ބިމެއްގައިވާ މިސްކިތްތަކުގެ ޙުރުމަތް ކަށަވަރުކުރުމަށް ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލާފައި އޮތުމަކީ މުސްލިމުން ޙައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކަމުގެ ޙަޤީޤަތް ބެލުމެއް ނެތި، އެ އަދަބަކީ ކުށާ ނުބައްދަލު އަދަބެއް ކަމަށް ބުނެ ނުވަތަ ސަޢޫދީގެ ޤާނޫނީ އޮނިގަނޑަކީ އިސްލާމީ ޝަރީޢާ ނޫން ކަމަށް ބުނެ ބައެއް މީހުން ޚިޔާލުފާޅުކުރަމުންދަނީ އެކަށީގެންވާ މަޢުލޫމާތު ނެތިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ކޮންމެ ޤައުމެއްގެވެސް ޤާނޫނީ އޮނިގަނޑު ބިނާވެގެންވަނީ އެ ޤައުމެއްގެ ޚާއްޞަ ސިޔާސަތުތަކުގެ މައްޗަށް ކަމަށްވާތީ، އެހެން ޤައުމުތަކުގެ ސިޔާދަތީ ނިޒާމުތަކަށް ފާޑުކިޔުމުގައި ވިސްނުންތެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLސަޢޫދީގެ އިންޓީރިއަރ މިނިސްޓްރީގެ ބަޔާނާ ޙަވާލާދެއްވައި ޢާޒިމާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ މައްސަލައިގައި ކޯޓުން މަރުގެ އަދަބު ކަނޑައެޅީ ކުށުގެ ނުރައްކާތެރިކަމަށާއި، މިސްކިތުގެ ޙުރުމަތް ކެނޑިގެންދިޔަ މިންވަރާއި، އަމަލު ހިންގި ޙާލަތަށް ބަލައި އިސްލާމީ ޝަރީޢާގައިވާ ތަޢުޒީރީ އަދަބެއްގެ ގޮތުގައެވެ. އެހެންކަމުން އިސްލާމީ ޝަރީޢާގައި ތަޢުޒީރީ އަދަބު ކަނޑައެޅުމުގެ އިޚްތިޔާރާއި ތަފާތު ޖުރިސްޑިކްޝަންތަކުގައި ކަންކަން ނިންމާ ގޮތް ބަލައި ދިރާސާކުރުން މުހިންމުކަން އޭނާ އެންގެވިއެވެ. ނަމަވެސް، މި ޚާއްޞަ މައްސަލައިގައި ކުށް ހިންގާފައިވާ ތަފްޞީލީ ގޮތާއި ސަޢޫދީގެ އަދަބު ތަންފީޛުކުރުމުގެ ޤާނޫނީ ތަފްޞީލުތައް އަމިއްލަފުޅަށް ދިރާސާކުރައްވާފައި ނުވާތީ، ކަނޑައެޅުނު ވަކި އަދަބާމެދު ވަކި ރަޢުޔެއް ފާޅުނުކުރައްވާ ކަމަށްވެސް ޢާޒިމާ ވިދާޅުވިއެވެ.
Ads by MACL
