މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ތައްޔާރުވެއްޖެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން އަންނަ ނޮވެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި އަހަރުގެ ފޯރަމް ކުރިއަށްދާނީ "ގްރީން ފައިނޭންސް: އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" (ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމު: ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ރާއްޖޭގައި އިތުރުކުރުން) މި ޝިއާރުގެ ދަށުންނެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދޫސިތުޑީ2 ފޭދޫ މޯލްޑިވްސް (dusitD2 Feydhoo Maldives) ގައެވެ. މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުމަށާއި އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފޯރުކޮށްދޭ ގައުމީ މަންސައެކެވެ.
Ads by BMLފޯރަމްގެ މައިގަނޑު މަގުސަދުތައް:
• މޫސުމީ ބަދަލުތަކުގެ ހީނަރުކަން ދެނެގަތުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެ އަސަރުތަކާއި މާލީ ނުރައްކާތައް ވަޒަންކުރުން.
• މާލީ ބާޒާރު ތައްޔާރުކުރުން: ދެމެހެއްޓެނިވި މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ބާޒާރު ތަރުތީބުކުރުން.
• ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ތައާރަފުކުރުން: "ގްރީން" އަދި "ބްލޫ" ފައިނޭންސް ވަސީލަތްތަކާއި ބްލެންޑަޑް ފައިނޭންސް ރާއްޖޭގައި ފުޅާކުރުން.
• އިގްތިސާދީ ދެމެހެއްޓެނިވި ކުރިއެރުން: ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން
ދެމެހެއްޓެނިވި ކުރިއެރުން ހޯދުން.
ޕެންޝަން އޮފީހުން ހާމަކުރާ ގޮތުގައި، ގައުމުގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން، ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނީ ހަރުދަނާ އަދި ހެޔޮވެރިކަމުގެ އުސޫލުތަކެއްގެ މަތީގައި ބިނާވެފައިވާ މާލީ ދާއިރާއެއް ގާއިމުކުރެވިގެންނެވެ.
ހާއްސަކޮށް، އިއާދަކުރަނިވި ހަކަތައާއި މޫސުމީ ބަދަލުތަކަށް ކެތްކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް "ގްރީން ފައިނޭންސް" މެދުވެރިކޮށް އިންވެސްޓްމަންޓްތައް ދަމައިގަތުމަކީ ޕެންޝަން ފަންޑުގެ ދިގުމުއްދަތުގެ ކުރިއެރުމާ ސީދާ ގުޅިފައިވާ ކަމެކެވެ.
މި ފޯރަމްގައި ސަރުކާރުގެ ސިޔާސަތު އެކުލަވައިލާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ތަރައްގީގެ ބައިވެރިން (Development Partners) އަދި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފޯރަމްގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލެވިފައެވެ. ޝައުގުވެރިވާ ފަރާތްތަކަށް މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވޭނެއެވެ.
Ads by MACL
