ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައުތު ސެންޓްރަލް ޕޮލިސްގެ 22 ފުލުހުންނާއެކު ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

 ސެންޓްރަލް ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ލ. ގަމުގައި ފެށި "ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17" ގެ ތެރެއިން / ފޮޓޯ ކްރެޑިޓް: މޯލްޑިވްސް ޕޮލިސް ސާވިސް
ސެންޓްރަލް ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ލ. ގަމުގައި ފެށި "ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17" ގެ ތެރެއިން / ފޮޓޯ ކްރެޑިޓް: މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައުތު ސެންޓްރަލް ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ހިންގާ "ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17 ޖުމްލަ 22 ފުލުހުންނާއެކު ފަށައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ލ. ގަމުގައި ކުރިއަށްގެންދާ މި ކޯހަކީ ސައުތު ސެންޓްރަލް ރީޖަން (ލ. އަތޮޅާއި ތ. އަތޮޅު) ގައި މަސައްކަތްކުރާ ސާޖަންޓް އަދި ސީނިއަރ ސާޖަންޓް ރޭންކުގެ ފުލުހުންނަށް އަމާޒުކޮށްގެން، ލާމަރުކަޒީ އުސޫލުން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގައި ތ. އަތޮޅުން 9 ފުލުހުން އަދި ލ. އަތޮޅުން 13 ފުލުހުން ބައިވެރިވެއެވެ.

ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ، ފަސްޓްލައިން މެނޭޖަރުންނަކީ މުއައްސަސާގެ އިސް މެނޭޖްމަންޓާއި ކުރީސަފުގައި މަސައްކަތްކުރާ ފްރޮންޓްލައިން އޮފިސަރުން ގުޅުވައިދޭ މުހިންމު ފާލަމެއް ކަމަށެވެ. އެހެންކަމުން ކޯހުގެ ހުރިހާ ބައިވެރިންނަކީވެސް ނަމޫނާ، އަޚުލާގު ރަނގަޅު އަދި ކިޔަމަންތެރި ފުލުހުންތަކެއްގެ ގޮތުގައި ދެމިތިބުމަށް އެކަމަނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ކުރާ ކޮންމެ މަސައްކަތެއްގައިވެސް ޕްރޮފެޝަނަލްކަމާއި ނަޒާހާތްތެރިކަން އިސްކުރުމަށް ކޮމާންޑަރު ނަޝްވާ ގޮވާލެއްވިއެވެ. އަދި މި ޕްރޮގްރާމްގެ ޒަރީއާއިން ލީޑަރޝިޕް ހުނަރުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ފައިދާހުރި ހައްލު ހޯދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށާއި، ލިބޭ އިލްމުގެ ބޭނުން ހިފައިގެން މުއައްސަސާއަށް ހެޔޮ ބަދަލެއް ގެނައުމަށް އެންމެން ގުޅިގެން ބުރަކޮށް މަސައްކަތް ކުރުމަށްވެސް ބާރުއެޅުއްވިއެވެ.

މި ކޯހަކީ ފަސްޓްލައިން މެނޭޖަރުންގެ ފެންވަރުގައި ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި، ހުނަރާއި، މައުލޫމާތު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

އެގޮތުން ކޯހުގެ މޮޑިއުލްތަކުގެ ތެރޭގައި:
• ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް
• ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް
• ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ
• ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ހިމެނެއެވެ.

މީގެ އިތުރުން، މި މޮޑިއުލްތަކާ ގުޅޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގތަކާއި، ޕްރެޒެންޓޭޝަނާއި ކޮމިއުނިކޭޝަން ހުނަރުތައް ދަސްކޮށްދިނުމުގެ ބައިތައްވެސް ކުރިއަށްދާނެއެވެ. އަދި ބައިވެރިން ޑްރިލްގެ ކޮމާންޑުތަކަށް އަހުލުވެރިކުރުވުމަށް ބާއްވާ ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން 7 ކިލޯމީޓަރުގެ ދުވުމެއްވެސް މި ކޯހުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ