ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސެނެޓަރު މުޙައްމަދު އިސްޙާޤް ދާރްއާ ބައްދަލުކުރައްވަނީ / (ފޮޓޯ: ޕާކިސްތާނު ފޮރިން އޮފީސް)
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސެނެޓަރު މުޙައްމަދު އިސްޙާޤް ދާރްއާ ބައްދަލުކުރައްވަނީ / (ފޮޓޯ: ޕާކިސްތާނު ފޮރިން އޮފީސް)

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސެނެޓަރު މުޙައްމަދު އިސްޙާޤް ދާރް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް ޑރ. މުޢިއްޒަށާއި ދިވެހި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

https://twitter.com/ForeignOfficePk/status/2112774459165987163

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުންނަށް ވެސް އެ ޤައުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްޙާޤް ދާރް ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް ބޭނުންވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ޚާއްޞަކޮށް ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމް، މޫސުމަށް އަންނަ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، މިހާރު ކުރިއަށްދާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައި، މި ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކުގެ (B2B engagements) ސަބަބުން ވިޔަފާރިއާއި އިންވެސްޓްމަންޓުގެ އައު އަދި އަމަލީ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށާއި ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުޙަބާއާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އަދި ޕާކިސްތާނާއެކު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށްމެ ފައިދާހުރި ގޮތެއްގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.