ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީގަލް ހިލްސް މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ހަދަނީ ދޮގު، އެ ވާހަކަތައް ގަބޫލުކުރާނެ މީހަކު ނެތް: ފަލާހް

އީގަލް ހިލްސް މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ހަދަނީ ދޮގު، އެ ވާހަކަތައް ގަބޫލުކުރާނެ މީހަކު ނެތް: ފަލާހް

ސަރުކާރުން ކުރިއަށްގެންދާ އީގަލް ހިލްސް މަޝްރޫޢާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، އެ ޕާޓީން ދައްކާ ވާހަކަތައް ގަބޫލުކުރާނެ ކުޑަކުއްޖަކުވެސް މިހާރު ރާއްޖޭގައި ނޫޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އީގަލް ހިލްސްގެ ބިޔަ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކާއި ފާގަތިކަން ގެނެސްދޭނެ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި މި މަޝްރޫޢު ބޭނުންކޮށްގެން ޤައުމުގައި ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރި ނަމަވެސް، ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ވާތީ އެ ފުރުޞަތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ފަލާޙް ވަނީ، މިއީ ދައުލަތުގެ ޓެކްސް ނިޒާމުގެ ތެރެއިން ދާއިމީ ގޮތެއްގައި ކޮންމެ މަހަކާއި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ލިބިގެންދާނެ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާފައެވެ.

އިސްރާއީލް މީހުން އައިސް މިއިން ގެދޮރު ގަނެ ވަޒަންވެރިވާނެ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، ރާއްޖެއަށް އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް އެތެރެނުވެވޭ ގޮތަށް ޕާސްޕޯޓު މަނާކުރީ މި ސަރުކާރާއި މި މަޖިލީހުން ކަމަށެވެ. އަދި ނިމިދިޔަ 19 ވަނަ މަޖިލީހުގައި އިސްރާއީލް ޕާސްޕޯޓު މަނާކުރަން ރައްޔިތުން ގޮވާލުމުން ވެސް ފަސް އަހަރު ދުވަސް ވަންދެން އެކަން ކޮމިޓީގައި ބާއްވައިގެން ކުރިއަށް ނުގެންދިޔައީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެއިތުރުން އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް މި ޤައުމުގައި އެއްވެސް ފުރުޞަތެއް މި ސަރުކާރުން ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން ފަލާޙް ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމަ ފެތުރެމުންދާ ދަނޑިވަޅެއްގައި، ބޭރުގެ އިންވެސްޓަރުން އަމާން އިންވެސްޓްމަންޓްތައް ހޯދަމުންދާއިރު، މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ނުލިބުނު ފަދަ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސްރީލަންކާ އާއި ބަންގްލަދޭޝް ފަދަ ޤައުމުތަކުގެ ނޫސްތަކުގައި ވެސް ރާއްޖެއަށް މި އިންވެސްޓްމަންޓް ލިބުނު ގޮތާ މެދު ތައުރީފުކޮށް ލިޔެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގިފައި ނުވާ ކަމަށް ވިދާޅުވެ، މާލެ-ވިލިމާލެ ބްރިޖްގެ މަސައްކަތް ދިގުދެމިގެން ދިޔަ ގޮތަށް ފަލާޙް ވަނީ ފާޑުވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި ބަޖެޓުގެ ފައިސާ ބަހާލީ ވަކި ވިޔަފާރިވެރިންނަށާއި އާއިލީ އަދި ގާތް މީހުންނަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގައި ހުރި ޚިޔާލުތަފާތުވުންތަކަށް އަލިއަޅުވާލައްވަމުން ފަލާޙް އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށާއި، މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވަނީ ހަމައެކަނި ތޮއްޑޫ ދާއިރާގެ މެންބަރު ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކުގެ މައްޗަށް ދިވެހި ރައްޔިތުން މަގުމައްޗަށް ނުނިކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.