ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާއެކު މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާއެކު މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުންތަކާއެކު، ދެ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ތެރޭގައި ސީދާ ދަތުރުފަތުރުގެ އިތުރުން ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މަތީ ތައުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ދެ ގައުމުގެ މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތައް ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދު އިއްޔެ ތެރޭގައި ޕާކިސްތާނަށް ވަޑައިގަތުމުން އެ ގައުމުން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިއަދު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގޭކޮޅުގައި ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ އިތުރުން ރައީސް އާސިފް އަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ، 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.