ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު މެންދުރު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ވަނީ އެ ޔުނިވާސިޓީގެ ފަރާތުން އެންމެ މަތީ ޝަރަފުގެ އެވޯޑު އަރުވާފައެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނި ގޮތުގައި ރައީސަށް މި ޝަރަފު އެރުވީ ސިޔާސީ އަދި ހާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށާއި އިސްލާމްދީނުގެ ދިފާއުގައި ރައީސް މުއިއްޒު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމަކީ ވެސް މި އެވޯޑު ދިނުމުގެ މުހިންމު މަގުސަދެއް ކަމަށް އެ ޔުނިވާސިޓީން ފާހަގަކުރެއެވެ.
Ads by BMLމިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށްވާއިރު، ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރެއްވި ރާއްޖޭގެ ތިންވަނަ ރައީސެވެ.
ރައީސް މުއިއްޒުގެ މި ފުރަމާނަ ދަތުރުފުޅަށް ޕާކިސްތާނު ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ރައީސްގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ހާއްސަ ފަރިއްކޮޅެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ބާއްވާ ހާއްސަ ބިޒްނަސް ފޯރަމެއްވެސް ކުރިއަށްދާނެއެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅު ދިމާވެފައި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 26 ޖުލައި 1966 ގައެވެ.
Ads by MACL
