ޓާމިނަލް ދޭކުން ބައިނަލްއަޤުވާމީ ދިހަ އެއާލައިނެއްގެ ޗެކްއިން ފަށަނީ؛ ވިންޓަރ ސީޒަނާއެކު ވެލާނާ އެއާޕޯޓުގެ ޚިދުމަތްތަކަށް ފުޅާ ބަދަލެއް!
ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ދިމާކޮށް، ބައިނަލްއަޤުވާމީ ދިހަ އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޓާމިނަލް ދޭކަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފިއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ ފަންސަވީސް ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާނެ ކަމަށެވެ. މިއީ ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު އެއާޕޯޓުގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދީ، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ފަސިންޖަރުންނަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އޮކްޓޫބަރު ފަންސަވީހުން ފެށިގެން މުޅި ފިނި މޫސުމުގެ ދަތުރުތަކުގެ ސީޒަނުގައި ޓާމިނަލް ދޭކުން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް، ރަޝިޔާގެ އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއަރލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއަރ، ރަޝިޔާގެ އަޒުރް އެއަރ، ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއަރ އަދި ފްރެންޗް ބީ އެވެ.
Ads by BMLކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކޮށްފައި އޮތް ޓާމިނަލް ދޭއް، ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މިހާރު އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ދެމުންދާ މި ޓާމިނަލުގައި ހަތާވީސް ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުޞަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
އެމް.އޭ.ސީ.އެލް އިން ވަނީ މި މަހުގެ ފަންސަވީހުން ފެށިގެން މި ދިހަ އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް ދޭކަށް ވަޑައިގަތުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތް ހަލުވިކަމާއެކު ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއެވެ.
Ads by MACL
