ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު އެއްބަސްވުންތަކެއް ބަދަލުކޮށްފި؛ ރައީސް މުޢިއްޒަށް ޝަރަފުވެރި ޕީއެޗްޑީއެއް!
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއް ބަދަލުކޮށް، ދެ ޤައުމުގެ ގުޅުން އައު ހިސާބަކަށް ގެންދިއުމަށް ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ ދެމެދުގައި ވަފުދުތަކުގެ ފެންވަރުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފްގެ ކުރިފުޅުމަތީގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ބަޔާންތައް ވަނީ ބަދަލުކުރެވިފައެވެ. ދެ ޤައުމުގެ ވެރިން ވަނީ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެއްބަސްވުންތައް ބަދަލުކުރުމުގެ ހެކިވެރިންނަށްވެ ވަޑައިގަންނަވާފައެވެ.
މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ވެރިން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއެކު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ.
Ads by BMLމި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ޚާއްޞަ ޝަރަފެއްވެސް އަރުވާފައެވެ. އެގޮތުން، ބޮޑުވަޒީރުގެ ރަސްމީ ގޭގައި ބޭއްވުނު ބައިނަލްއަޤުވާމީ އިސްލާމީ ޔުނިވަރސިޓީގެ ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި، ރައީސް މުޢިއްޒުގެ ޒަޢާމަތާއި އުންމަތަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މަނިކުފާނަށް ވަނީ ސިޔާސީ ސައިންސާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ދާއިރާއިން ޝަރަފުވެރި ޕީއެޗްޑީ ޑިގްރީއެއް އަރުވާފައެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ ބޮޑުވަޒީރު ޝަހުބާޒް ޝަރީފާއި އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. އަޙްމަދު ސަޢުދު އަލް އަޙްމަދުއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ބަދަހި ޚާރިޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިން ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ދެ ޤައުމުންވެސް ސިފަކުރެއެވެ.
Ads by MACL
