ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް 119 މަސްވެރިއަކަށް 15 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކޮށްފި

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް 119 މަސްވެރިއަކަށް 15 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކޮށްފި

މަސްވެރިންގެ ޤައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅި 119 މަސްވެރިއަކަށް 15 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަރުކާރުން އެކުލަވައިލި ދަފްތަރާއެކު ބޭންކިންގ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ރަސްމީ އާމްދަނީއެއް ލިބޭ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ މީހުންނަށް ފައިނޭންސިންގ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.

މި ފުރުޞަތުތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ވުޒާރާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދޫކުރަން ފެށި ޚިދުމަތްތަކެކެވެ. ވުޒާރާގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް ފައިނޭންސިންގ އުޞޫލުން ވަނީ މި ފައިސާ ދޫކޮށްފައެވެ.

އޮންލައިންކޮށް ޚިދުމަތް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕޯޓަލްގެ ސަބަބުން ބޭންކުގެ ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މަސްވެރިންނަށް ލިބިގެންދެއެވެ.

މި ސްކީމުގެ ދަށުން އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމުގެ އިތުރުން، އޮޑިދޯނިފަހަރު ބަނުމާއި، ގަތުމާއި މަރާމާތުކުރުމާއި މަސްވެރިކަމުގެ އާލާތްތައް ހޯދުމަށް ފައިސާ ދޫކުރެއެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށާއި ދަރިންނަށް މަތީ ތަޢުލީމު ހޯދައިދިނުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ހޯދޭނެއެވެ.