ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ މަޖިލީހުގެ ނައިބު ރައީސާއި އާންމު މެންބަރުންނަށްވުރެ ކުޑަ އަދަދެއް ކަމަށްވާތީ، އެ ފަރަގު ނައްތާލައި މަޖިލިސް ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މީގެ އިތުރުން ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެނައުމަށްވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިދާރީ މޭޒުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މަޖިލީހުގެ ރައީސަށް މިހާރު މަހަކު ލިބިވަޑައިގަންނަވަނީ 73,125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް މަހަކު 91,000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އާންމު މެންބަރުންނަށް ކޮމިޓީ އެލަވަންސާއެކު މަހަކު 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރަ އެހެން މެންބަރުންނަށްވުރެ ކުޑަވާ މައިގަނޑު ސަބަބަކީ މަޖިލިސް ރައީސް ކޮމިޓީތަކުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީއެވެ. މެންބަރުންނަށް ކޮމިޓީ އެލަވަންސް ދެވެނީ ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވާ ނިސްބަތަށް ބަލައިގެން ކަމަށްވާތީ، މަޖިލިސް ރައީސަށް އެ އެލަވަންސް ނުލިބޭތީ މުސާރައިގެ އޮޅުންބޮޅުން އުފެދެނީއެވެ.

މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ދިނުމުގައި ބަލަނީ ކޮމިޓީ ބައްދަލުވުންތަކުގެ 50 އިންސައްތައާއި 75 އިންސައްތައާ ދެމެދަށް ހާޒިރުވާ މެންބަރުންނަށް 10,000 ރުފިޔާއެވެ. އަދި 75 އިންސައްތައަށްވުރެ ގިނައިން ހާޒިރުވާ މެންބަރުންނަށް 20,000 ރުފިޔާ ދެވޭއިރު، މަޖިލިސް ރައީސްގެ މުސާރައިގެ ތަފާތު ހައްލުކުރުމަށްޓަކައި ޚާއްޞަ އެލަވަންސެއް ކަނޑައެޅުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.