ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުމުންދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި

ކުމުންދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ހދ. ކުމުންދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި އެ ރަށުގައި ޚިދުމަތް ދޭން ފަށައިފިއެވެ.

ކުމުންދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެ ރަށު ކައުންސިލުގެ ރައީސް ޢަލީ ގާސިމްއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ އިސް އޮފިސަރުންނާއި، ކައުންސިލް މެންބަރުން އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަރުކަޒު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރި މި މަރުކަޒަކީ، ރާއްޖޭގެ ރަށްރަށުގައި ގާނޫނީ ސިޔާދަތު ނެގެހެއްޓުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.