ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއަށް އިދިކޮޅުން ދެކޮޅުހަދަނީ އިންތިހާބުން ބަލިވާނެތީ: ފަލާހް

ރަސްމާލެ މަޝްރޫއަށް އިދިކޮޅުން ދެކޮޅުހަދަނީ އިންތިހާބުން ބަލިވާނެތީ: ފަލާހް

ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަން މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެކަން ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ ރަސްމާލެ މަޝްރޫއު ހަގީގަތަކަށް ވެގެން ދިއުމަކީ ގައުމަށް ބޮޑު އުފާފާގަތިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މިފަދަ ބޮޑު އިންވެސްޓްމަންޓެއްގެ ސަބަބުން ކޮންމެ މަހަކު އަދި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ އިގްތިސާދަށް ވަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ދަތިތަކާއި އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ވާހަކަ އަބަދުވެސް ދައްކަމުންދާއިރު، ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހުރަސްއެޅުމުން އެކަމުގެ ސީދާ ގެއްލުން ލިބެނީ އާންމު ރައްޔިތުންނަށް ކަމަށް ފަލާހް ވިދާޅުވިއެވެ. އޭނާ ވަނީ ދިވެހިން އަބަދު މުންޑަކާއި ސޯޓެއް ލައިގެން ތޮށިގަނޑު ކައިރީ ދޮށި އެއްލަން ތިބެންވީތޯ ސުވާލު ކުރައްވާފައެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ އެ ޕާޓީއަކީ އަމަލީ ގޮތުން މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މި މަޝްރޫއަށް ތާއީދު ކުރައްވާކަން ފާހަގަކުރައްވައި، މިފަދަ މަޝްރޫއަކުން ގައުމަށް ލިބޭނެ ކުރިއެރުން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މި މަޝްރޫއާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖަށް ނުނިކުންނާނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.