ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީވުމަށް ޕާކިސްތާނުން 100،000 ޒައިތޫނި ގަހާއި އޮށް ހަދިޔާކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން 100،000 ޒައިތޫނި ގަހުގެ އިތުރުން ތަފާތު ބާވަތްތަކުގެ 100،000 އޮށް ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. ބޮޑުވަޒީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތަކުގެ ދަށުން ދަނޑުވެރިކަމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ޒައިތޫނި ގަސްތަކާއި ތަފާތު ވައްތަރުގެ ގަސްގަހާގެހީގެ އޮށްތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ފޮނުވައިދޭނެކަމަށްވެސް ޝެހެބާޒް ޝަރީފް ފާހަގަކުރެއްވިއެވެ.
Ads by BMLތިމާވެށީގެ ދާއިރާގެ އިތުރުން، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށްޓަކައި މާލެއާއި އެހެނިހެން ސަރަހައްދުތަކުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ފަންނީ މާހިރުންގެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެގޮތުން ޕާކިސްތާނުގައި ބޮޑެތި ޑޭޓާ ސެންޓަރުތައް ގާއިމުކޮށް ހާސިލުކޮށްފައިވާ ތަޖުރިބާތައް ރާއްޖެއާ ހިއްސާކުރުމަށް ތައްޔާރަށް އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން އެގެންދަވަނީ އެގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
Ads by MACL
