ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް މުޢިއްޒު ދައުވަތު ދެއްވައިފި
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު އަރުވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ބޭއްވެވި މީޑިއާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕާކިސްތާނުން އެމަނިކުފާނަށް އަދާކުރެއްވީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރަށް ދިވެހިރާއްޖެއިން މަރުހަބާ ދެންނެވުމަށް ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅަކީ ހަމައެކަނި ވޭތުވެދިޔަ 60 އަހަރުގެ ގާތް އެކުވެރިކަން ފާހަގަކުރުން އެކަނި ނޫން ކަމަށާއި، ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
Ads by BMLބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ސިއްހީ ދާއިރާ، ތައުލީމު، މަސްވެރިކަން، ދަނޑުވެރިކަން އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއް ބަދަލުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ސޮއިކުރެވުނު އެއްބަސްވުންތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ ކަންކަމުގެ ހަގީގީ ފައިދާ ސީދާ ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
