ހަގީގީ މާނައަކީ ނަތީޖާ ނެރުން، ކުރިއަށް އޮތީ އަމަލީ ސިފަގެނައުން: ރައީސް ޑރ. މުޢިއްޒު
ދެ ގައުމެއްގެ ދެމެދުގައި ގާއިމުކުރެވޭ އެއްބަސްވުންތަކަކީ އޭގެއިން ހަގީގީ ނަތީޖާ ފެންނަން ފެށުމުން ނޫނީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި، ކުރިއަށް އޮތް ފިޔަވަޅަކީ އެ ވިސްނުންތައް އަމަލީ ސިފައަކަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދައުލަތުގެ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން 20 އަހަމުހިންމު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އަރިހުގައި ހުންނަވައި ރައީސް މުޢިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވިސްނުންތައް ބަދަލުކޮށް ފުރުސަތުތައް ފަހިވެފައިވާ ކަމުގެ ސާފު މެސެޖެއް މި އެއްބަސްވުންތަކުން ދޭ ކަމަށެވެ.
Ads by BMLނަމަވެސް އެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުން ހިފޭނީ އަމަލީ ގޮތުން ނަތީޖާ ނެރެވިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކުރިއަށް އޮތް ފިޔަވަޅަކީ، މި ވިސްނުންތަކާއި އެއްބަސްވުންތައް އަމަލީ ސިފައަކަށް ބަދަލުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެއިން ހަގީގީ ފުރުސަތުތަކާއި މާނަވީ ފައިދާތަކެއް ހޯދައިދިނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ވެރިން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް މިހާރު ހުރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ.
މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށުމަށާއި، ރާއްޖޭގައި މެޑިކަލް ކޮލެޖެއް ބިނާކުރުމުގެ އިތުރުން، އައިޓީ، ސައިބަރ ސެކިއުރިޓީ، ދިފާއީ ދާއިރާ އަދި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ވަނީ އެއްބަސްވެފައެވެ.
މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ދިމާވަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.
Ads by MACL
