ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ ޓާމިނަލް 2 އިން 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ދޭން ނިންމައިފި

ވީއައިއޭ ---
ވީއައިއޭ ---

ކުރިއަށް އޮތް ފިނި މޫސުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެތީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް، ރަޝިޔާގެ އޭރޯފްލޮޓާއި އަޒުރް އެއަރ، ސައިބީރިއާގެ އެސް ސެވަން އެއަރލައިންސް، ޔޫއެސް-ބަންގްލާ އެއަރލައިންސް، އުޒްބެކިސްޓާންގެ ސެންޓްރަމް އެއަރ، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއަރ އަދި ފްރެންޗް ބީއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި މި ފިޔަވަޅުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު އެއާޕޯޓުގެ ދެ ޓާމިނަލްވެސް އެއްފަހަރާ ބޭނުންކޮށް، ދަތުރުވެރިންނަށް އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ޒަމާނީ ބަދަލުތަކާއެކު އަލުން ޚިދުމަތަށް ހުޅުވި ޓާމިނަލް 2 ގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްތަކާއި، ނަމާދުކުރާ ކޮޓަރި އަދި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަޙައްދެއް ވަނީ ގާއިމުކޮށްފައެވެ.

އޮކްޓޫބަރު 25 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި، ފުރުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގަތުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.