ފައިނޭންސް ފޯރަމް: ވިޔަފާރިއަށް ރަނުގެ ފުރުސަތެއް، އިންވެސްޓަރުންނާއި ދިމާވާނެ، ތަޖުރިބާ ހިއްސާކުރެވޭނެ!
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައި، އެ ފޯރަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހު ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މިއަހަރުގެ މައިގަނޑު ޝިއާރަކީ ގްރީން ފައިނޭންސް ނުވަތަ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މިއީ ރާއްޖޭގެ މާލީ ދާއިރާގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތައް، އިންވެސްޓަރުން އަދި މި ދާއިރާގެ ޝަރަފުވެރި މާހިރުން އެއްތަންކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމުގެ މަގުސަދުގައި ބާއްވާ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި ތިން ދާއިރާއަކުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLއެއީ:
• މޫސުމީ މާލީ ނުރައްކާތައް: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން.
• ދެމެހެއްޓެނިވި އިންވެސްޓްމަންޓް: ތިމާވެއްޓަށް ފައިދާހުރި، ދިގު މުއްދަތަކަށް ދެމިގެންދާނެ އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކާ ބެހޭގޮތުން.
• ގްރީން ފައިނޭންސްގެ މުސްތަގުބަލް: ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމެއް ބިނާކޮށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން.
ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު މުއައްސަސާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފޯރަމަކީ ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރެވޭ ގައުމީ ފެންވަރުގެ މުހިންމު މަންސައެކެވެ.
މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ފޯރަމްގެ ރަސްމީ ވެބްސައިޓް www.financeforum.mv މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
Ads by MACL
