ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތުގެ ތިން ބާރުގެ މައި އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ދައުލަތުގެ ތިން ބާރުގެ މައި އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި އަލިފާން ރޯކޮށްލުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފިއެވެ.

ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކުރުމަކީ "މަޖާ" ކަމަކަށް ވާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް، އެ އިންޒާރުގެ ޕޯސްޓު ކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ވަނީ އެ މެސެޖު ޑިލީޓްކޮށްފައެވެ.

މި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާއިރު، ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން މިފަދަ އިންޒާރުތައް ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެ ޤާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބެއް އަންނާނެއެވެ.