ޕާކިސްތާނުގެ ރައީސް ޒަރްދާރީއާ ރައީސް މުޢިއްޒު ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރު ތަރައްޤީއަށް ގެންދެވުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައި ބޭއްވި މި ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން ދެ ޤައުމުގެ ރައީސުންގެ ދެކަނބަލުން ވަނީ ވަކިވަކިންވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ވަނީ ދިވެހި ވަފުދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ރައީސަކު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކާއެކު ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ފޯރާނެކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ހޯދަމުންދާ ކުރިއެރުމަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާކިސްތާނު ސަރުކާރާއި ރައްޔިތުންގެ ފަރާތުން ކީ ފުރިހަމަ މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ވިޔަފާރިއާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން މީހުން ތަމްރީނުކުރުމުގެ ރޮނގުން ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤުވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް ދެ ލީޑަރުން ވަނީ އައުކުރައްވާފައެވެ.
Ads by MACL
