ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފި، ވަރަށް ޗާލު!

އާ ޓާމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފި، ވަރަށް ޗާލު!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ.

މިހާރު ޓަމިނަލްގައި ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތެވެ. ހުޅުވަން ހަމަޖެހިފައިވަނީ 26 ޖުލައި 2025 ގައެވެ.

ވެލާނާ އިންޓަނޭޝަލް އެއަރޕޯޓުގައި މިހާރު ތަރައްޤީކުރަމުންދާ އައު އިންޓަރނޭޝަނަލް ޓަރމިނަލުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ މި ޓަރމިނަލަކީ ރާއްޖޭގެ އިޤުތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢެކެވ. އެގޮތުން މި ޓަރމިނަލުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ.

ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންގެންދަނީ އޯވަރ ކެޕޭސިޓީއެއްގައެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ފާހަގަކުރައްވައެވެ.

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ވީއައިއޭގެ އައު ޓަރމިނަލާއެކު އިޤުތިޞާދީ ގޮތުން ކުރިއަރާ ދިއުމަށް ގިނަ ފުރުޞަތުތަކެއް ފަހިވާނެ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، އެއަށްވުރެވެސް އިތުރަށް އައު ޓަރމިނަލާއެކު ފަތުރުވެރިން ޒިޔާރަތްކުރާނެކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޔަޤީން ކުރަނީ ދުނިޔޭގެ ލެވެލްގައި ފާހަގަކުރެވޭ ޓާމިނަލަކަށް މި ޓާމިނަލް ވާނެކަން. މި ޓަރމިނަލުން ޚިދުމަތް ލިބިގަންނަ ފަތުރުވެރިންނަށްވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ގިނަ ތަޖުރިބާތަކެއް ކުރެވޭނެ. ޚިދުމަތްތައް ލިބިގެންދާނެ." ޝިއުރީ ވިދާޅުވިއެވެ.

އަންނަ މަހުގެ 26ވާ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހު އައު ޓަރމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނާނެ ކުރިއެރުންތައް ޝިއުރީގެ އިތުރުންވެސް ގިނަ އިސް ބޭބޭފުޅުން ފާހަގަކުރައްވައެވެ.

އައު ޓަރމިނަލް އަޅަން ފެށި ފަހުން 8 އަހަރުވެފައިވާއިރު، ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ހުވާކުރެއްވުމުގެ ކުރިން އޭރުގެ އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޓަރމިނަލްގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. އަދި ޓަރމިނަލާއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެ، ޚިދުމަތްތައް ލުއި ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ މިހާރު އިޢުލާންކުރައްވާފައިވާއިރު، ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ކުރިއަރުވުމުގެ މަގު ފަހިވާނެކަން މި ސިނާޢަތުގެ މާހިރުން ދަނީ ފާހަގަކުރައްވަމުންނެވެ.

މި ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައީސްގެ އިރުޝާދުގެ ދަށުން އެމްއޭސީއެލުން ވަނީ ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތްތަކާއެކު ކުރިން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުވުމަށް ނިންމި ޓަރމިނަލް، އޭގެ 2 މަސް ކުރިން ހުޅުުވުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ. އަލަށް ތަރައްޤީކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ. މި ޓަރމިނަލް ބޭނުންކުރާނީ ހަމައެކަނި ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެންމެ ޒަމާނީ އެއަރޕޯޓުތަކެކޭ އެއްގޮތަށް، އެއިރޯ ބުރިޖުތައް މި ޓަރމިނަލްގައި ބޭނުންކުރާނެއެވެ.