ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބިން ހުސްކުރަނީ؛ ޚިދުމަތްތައް ވަގުތީ ގޮތުން "އަމާން ހިޔާ" އަށް ބަދަލުކޮށްފި
ވިލިމާލޭގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން، އެ އަވަށުގައި މިހާރު ހުރި ހޮސްޕިޓަލުގެ ބިން ހުސްކުރުމަށްޓަކައި ޞިއްޙީ ޚިދުމަތްތައް ކުރީގެ ކުޑަކުދިންގެ ހިޔާ ނުވަތަ "އަމާން ހިޔާ" އިމާރާތަށް މިއަދު ވަގުތީ ގޮތުން ބަދަލުކޮށްފިއެވެ.
މި ބަދަލާއެކު މިހާރު ހުރި ހޮސްޕިޓަލް ހުރި ބިން ސާފުކޮށް، އައު އިމާރާތުގެ މަސައްކަތަށް ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ ކުރިން އެ ތަނަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނެސް ވަނީ ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އަދި އިމާރާތް ބަދަލުވި ނަމަވެސް، ކުރިން ވިލިމާލޭ ހޮސްޕިޓަލުން ރައްޔިތުންނަށް ލިބެމުންދިޔަ ހުރިހާ ޚިދުމަތެއް މެދުކެނޑުމެއްނެތި "އަމާން ހިޔާ" އިމާރާތުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
Ads by BMLސަރުކާރުން މި ބަދަލު ގެނައުމަށް ނިންމީ ތިލަމާލެ ބްރިޖު ނިމި، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި މީހުން އާބާދުވާން ފެށުމުން އެ ސަރަޙައްދުގެ އާބާދީއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޤްޞަދުގައެވެ. މިހާރު ހުރި ވިލިމާލޭ ހޮސްޕިޓަލުގެ ޖާގަ ކުޑަވެ، އިތުރަށް ތަރައްޤީކުރެވެން ނެތުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޓާޝަރީ ފެންވަރުގެ އައު ހޮސްޕިޓަލެއް އެ ބިމުގައި އެޅުމަށް ވަނީ ނިންމާފައެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ "ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގައި އޯޕީޑީއާއި ކުއްލި ފަރުވާގެ ޚިދުމަތްތަކުގެ އިތުރުން، ބަލިތައް ދެނެގަތުމާއި ފަރުވާދިނުމަށް ޚާއްޞަ ބައިތަކާއި، އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑުތަކުގެ އިތުރުން އިސްރަށްވެހިންނާއި ދިގު މުއްދަތަކަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްޞަ ސެންޓަރެއް އެކުލެވިގެންވާނެއެވެ. ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކު ތަރައްޤީކުރާ މި ހޮސްޕިޓަލުގެ އިމާރާތްކުރުމާއި ވަސީލަތްތައް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުން ކަމަށްވާއިރު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަސައްކަތް ހަވާލުކުރާނެ ކޮންޓްރެކްޓަރަކު ކަނޑައަޅައި، ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާއެވެ.
Ads by MACL
