މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމާފައި ވަނިކޮށް، ގާޒީ އިހުސާން އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިހުސާން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، އޭނާ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޖޭއެސްސީން ބަލަމުންދިޔަ ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން ފަނޑިޔާރުކަމުން ވަކިކުރަން ނިންމި ނިންމުމަށް ފަހު، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދަނިކޮށެވެ.
ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގާޒީ އިހުސާންގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ ފުރަތަމަ ސަސްޕެންޑްކުރީ މިއަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި އެ ފިޔަވަޅަކީ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ މަސައްކަތުގައި ދެމިހުރެއްޖެ ނަމަ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއާއި، ޝަރުއީ ދާއިރާގެ އިތުބާރާއި ޝަރަފާއި ޤަދަރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެޅި ފިޔަވަޅެކެވެ.
ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކުރުމަށްފަހު، ޖޭއެސްސީން ވަނީ ގާޒީ އިހުސާންގެ ބަޔާން ނަގައި، ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަޔާންތައް ވެސް ހޯދާފައެވެ. އެއަށްފަހު މައްސަލައިގެ ބާވަތަށް ބަލައި އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ދާދިފަހުން ނިންމި ނަމަވެސް، މަޖިލީހުގެ މަރުހަލާ ރަސްމީކޮށް ފެށުމުގެ ކުރިން ގާޒީ އިހުސާން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުން މިހާރު ވަނީ އެ މައްސަލައިގެ އިޖުރާއަތްތައް ނިންމާލާފައެވެ.
Ads by BML
Ads by MACL
