އޭއައިއިން ހޯދި ބަގަކާއެކު 30 މިލިއަން ވެބްސައިޓަކަށް ސައިބާ ހަމަލާގެ ބޮޑު ނުރައްކަލެއް؛ ރައްކާތެރިކަމަށްޓަކައި ބޮޑެތި ސައިޓްތައް އޮފްލައިން ކުރަނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެތައް މިލިއަން ވެބްސައިޓެއް ސައިބާ ހަމަލާތަކެއްގެ ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ސީރިއަސް ސެކިއުރިޓީ މައްސަލައެއް ފެންމަތިވެ، 30 މިލިއަނަށް ވުރެ ގިނަ ވެބްސައިޓެއްގެ ޒާތީ މައުލޫމާތު ހާމަވުމުގެ ބިރު ބޮޑުވެއްޖެއެވެ. އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯދި މި ބަގް ދިމާވެފައިވަނީ އިންޓަނެޓުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕްރޮގްރާމިން ލެންގުއޭޖް ކަމަށްވާ ޕީއެޗްޕީ އަށެވެ.
ސައިބާ ސެކިއުރިޓީ މާހިރުން ލަފާކުރާ ގޮތުގައި، މި ނުރައްކާތެރި މައްސަލައިގެ ފުރުސަތު ހޯދައިގެން ހެކަރުންނަށް ވެބް ސާވަރުތަކުގެ ތެރެއަށް ވަދެ، އެމީހުން ބޭނުން ކޯޑެއް ހިންގައި، ސައިޓްތަކުގައި ރައްކާކޮށްފައި ހުންނަ ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ވަގަށް ނެގުމުގެ ފުރުސަތު ބޮޑެވެ. ޕީއެޗްޕީ އަކީ އިންޓަނެޓުގައި ހިންގާ ވެބްސައިޓްތަކުގެ ތެރެއިން ވޯޑްޕްރެސް އާއި ވިކިޕީޑިއާ ފަދަ އެތައް މިލިއަން ޕްލެޓްފޯމެއްގެ މައިގަނޑު ބިންގަލަށް ވުމުން، މީގެ ނުރައްކާ މުޅި އިންޓަނެޓް ސިސްޓަމަށް ވަނީ ކުރިމަތިވެފައެވެ.
މި ނުރައްކަލާ ގުޅިގެން ރައްކާތެރިކަމުގެ އަވަސް ފިޔަވަޅެއްގެ ގޮތުން ވިކިޕީޑިއާ، އިނގިރޭސިވިލާތުގެ އެޑިންބަރާ ކައުންސިލް، ފްރާންސް ސަރުކާރުގެ ބައެއް ވެބްސައިޓްތައް، އޮންލައިން ފިހާރަތައް އަދި ބީބީސީ ފަދަ ބޮޑެތި ޕްލެޓްފޯމްތަކުގެ ބައެއް ހިދުމަތްތައް މިހާރު ވަނީ ވަގުތީ ގޮތުން އޮފްލައިން ކޮށްފައެވެ.
Ads by BMLމި މައްސަލަ އެންމެ ފުރަތަމަ އިންސާނުންގެ ދިރާސާތަކުން 2024 ވަނަ އަހަރު ފާހަގަވި ނަމަވެސް، އޭރު ބެލެވުނީ މިއީ ނުރައްކަލެއް ނޫން ކަމަށެވެ. ނަމަވެސް، ސެކިއުރިޓީ ފާމްތައް ކަމަށްވާ ކެލިފް އަދި ވިޒް ގެ ދިރާސާވެރިން އޭއައި އަދި ލާޖް ލެންގުއޭޖް މޮޑެލްތައް ބޭނުންކޮށްގެން ކޯޑުތައް އަލުން އެނަލައިޒް ކުރުމުން، މި މައްސަލައިގެ ސީރިއަސްކަން އަދި މީގެ ބޭނުން ހިފައިގެން ހަމަލާދެވިދާނެ ގޮތްތައް ވަނީ ހާމަވެފައެވެ. ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އިން ބުނެފައިވަނީ މިއީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ނުރައްކާތެރި ސެކިއުރިޓީ މައްސަލަ ކަމަށެވެ.
ސަރީ ސެންޓާ ފޯ ސައިބާ ސެކިއުރިޓީގެ ޕްރޮފެސާ އެލަން ވުޑްވާޑް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ނެރޭ ޕެޗް އާންމުކުރުމުގެ ކުރިން މި މައްސަލައިގެ މައުލޫމާތު އިންޓަނެޓަށް ލީކުވުމަކީ ހާލަތު އިތުރަށް ގޯސްވި ސަބަބެއް ކަމަށެވެ. އަދި މިހާރުވެސް އެމެޒޯން އަދި ކްލައުޑްފްލެއާ ފަދަ ބޮޑެތި ކުންފުނިތަކުން ދަނީ މިކަން ވަރަށް ގާތުން މޮނީޓާ ކުރަމުންނެވެ.
މި ކުއްލި ނުރައްކަލާ ގުޅިގެން އިނގިރޭސިވިލާތުގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓާގެ އިތުރުން ޔޫރަޕްގެ އިއްތިހާދު އަދި އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ހުރިހާ މުއައްސަސާތަކަކަށް އަވަސް އިންޒާރެއް ނެރެފައެވެ. އެންސީއެސްސީން އަންގާފައިވަނީ ވަގުތުން ވަގުތަށް މި މައްސަލަ ހައްލުކުރެވެން ނެތް ނަމަ، މުޅި ސިސްޓަމް ރައްކާތެރި ކުރެވެންދެން ވެބްސައިޓްތައް އޮފްލައިން ކޮށްފައި ބެހެއްޓުމަށެވެ. އެކި ގައުމުތަކުގެ ސަރުކާރުތަކުން މިހާރު ދަނީ އެ ގައުމުތަކުގެ ރަސްމީ ވެބްސައިޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުއްލި މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
