ވިލިމާލެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލަ ޕީޖީއަށް ފޮނުވައި އެމީހުން ދޫކޮށްލައިފި
ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ދާއިރާގެ ތަރިންގެ ތަޙުޤީޤު ނިންމައި، މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމަށްފަހު އެ އެންމެން ބަންދުން ދޫކޮށްލައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގެ ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އަޙުމަދު އަޒްމީލް އާއި އިސްމާޢީލް ޖުމައިހު އަދި މުޙައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ. އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.
ފުލުހުން މިއަދު މަޢުލޫމާތު ދިން ގޮތުގައި، ތަޙުޤީޤު ފުރިހަމަކުރުމަށްފަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ ތަނުން ތިން މީހަކު މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި ބަންދުގައި ހުރި ފަހު މީހާވެސް މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށާއި، ޝަރީޢަތުގެ މަރުޙަލާގެ ތެރެއިން ކޯޓުން އިތުރަށް ބަންދުކުރަން އަމުރުކޮށްފިނަމަ އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
Ads by BMLމި މައްސަލައިގައި ކުރިން ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، ފުލުހުން އެ ކޮޓަރިއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ފުލުހުން ވަތްއިރު މޭޒުމަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް އަރާވަރަށް ތަކެތި ހުރި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އިސްމާޢީލް ޖުމައިހު ފިޔަވައި ދެން ތިބި ތިން މީހުންނަކީ މީގެކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.
Ads by MACL
