އަލައްބާރަށް ފުރައްސާރަކުރުމުން ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅިދާނެ: ނަޝީދު
ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، އޭގެ ސަބަބުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ހުއްޓުން އަތުވެދާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ތަރައްގީކުރުމުގެ ބޮޑު މަޝްރޫއާ ދެކޮޅަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އެ މަޝްރޫއާ ގުޅުވައިގެން އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ގައުމީ މަސްލަހަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، މިހާރު ހުރި އިންވެސްޓްމަންޓްތަކަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީގަލް ހިލްސްގެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީން ކުރިން ރަސްމީ ބަޔާނެއް ނެރެފައިވާކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވަނީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަނުދެއްކެވުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެއިތުރުން، ކުރީގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަންޖެހުނީވެސް އެމްޑީޕީގެ އުސޫލުތަކާ ޚިލާފަށް ވާހަކަދެއްކެވުމުންކަން އެމަނިކުފާނު މެންބަރުންނަށް ހަނދާންކޮށްދެއްވިއެވެ.
Ads by BMLއީގަލް ހިލްސް އިން ރާއްޖޭގައި މަޝްރޫއެއް ހިންގުމާމެދު އިއުތިރާޒެއް ނެތްކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، އެފަދަ އިންވެސްޓްމަންޓެއް ރާއްޖެއަށް އައުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ކުރިން ފާހަގަކުރެއްވި ހަމައެކަނި ކަންބޮޑުވުމަކީ އެ މަޝްރޫއު މާލެ ސަރަހައްދުގައި ކުރިއަށްގެންދަން ނިންމާފައިވާ ނިންމުން ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައިވެސް ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އަމިއްލަ ސެކްޓަރުގެ ހިއްސާ ފުޅާކުރުމަށް އެހީތެރިވާ ކޮންމެ ހަރުދަނާ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފައިވެއެވެ.
Ads by MACL
