ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އާ އުސްމިނަކަށް ގެންދާނަން: ބޮޑުވަޒީރު ޝަހުބާޒް ޝަރީފް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، ޚާއްޞަކޮށް އިޤްޠިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އާ ހިސާބަކަށް ހަރުދަނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފް ފާޅުކުރައްވައިފިއެވެ.
ދިވެހިރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އާ ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން ރަނގަޅުކުރުމެވެ. މިގޮތުން، ވީހާވެސް އަވަހަކަށް ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކަށް މިހާރު އަންގަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އާއި އެހެނިހެން އެއާލައިންތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުތައް ފެށުމުން، ވިޔަފާރިވެރިންނަށާއި ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
Ads by BMLވައިގެ ދަތުރުފަތުރުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސީދާ ކަނޑުގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކުރުމަކީވެސް ވިޔަފާރީގެ އެއްބާރުލުން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ވިޔަފާރީގެ ދާއިރާއިން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމުގެ އަމާޒެއް ހިފާފައިވާ ކަމަށް ބޮޑުވަޒީރު ޝަރީފް ވިދާޅުވިއެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި، ދެ ޤައުމު ގުޅިގެން ފުރިހަމަ ޖޮއިންޓް އެކްޝަން ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށް އެމަނިކުފާނު ބާރުއަޅުއްވައި ވިދާޅުވިއެވެ.
މި އެއްބާރުލުންތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ގޮތުން، ރައީސް ޑރ. މުޢިއްޒު ރާއްޖެއަށް އެނބުރި ވަޑައިގަތުމަށްފަހު، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނު ސަރުކާރުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިން ހިމެނޭ ޚާއްޞަ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށްވެސް ބޮޑުވަޒީރު އިޢުލާނުކުރެއްވިއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް ކުރައްވަމުންދާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ 20 ފަހުމުނާމާއެއްގައި މިހާތަނަށް ވަނީ ސޮއިކުރައްވާފައެވެ.
Ads by MACL
