ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދަޢުވަތު ދެއްވައިފި

ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދަޢުވަތު ދެއްވައިފި

ދިވެހިރާއްޖޭގެ ތަރައްޤީގެ ރާސްތާގައި ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ތަޖުރިބާއާއި، ފަންނީ ހުނަރާއި، އަދި އިންވެސްޓްމަންޓްތަކާއެކު ދިވެހީންނާ ގުޅިގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ދިވެހިރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި އަދި ރައްކާތެރި މާޙައުލެއް އޮތް ޤައުމެއް ކަމަށެވެ.

އަދި ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަންނީ އަދި އިޤްޠިޞާދީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުން ދެ ޤައުމަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ދެ ޤައުމުގެ އިސްވެރިންނާއި ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުން ބައިވެރިވެފައިވާއިރު، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރިއަށް އޮތް ތަނުގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.