ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒުގެ ދަތުރުފުޅާއެކު އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ދާނެ: ޝެހްބާޒް

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ---
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ ދަތުރުފުޅެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ދަތުރުފަތުރާއި މުވާސަލާތީ ކަނެކްޓިވިޓީގެ މުހިންމުކަން ފާހަގަކުރައްވައި، މާލެއާއި އިސްލާމްއާބާދު ނުވަތަ ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށްޓަކައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ނުވަތަ އެ ޤައުމުގެ އެހެން އެއާލައިނެއް މެދުވެރިކޮށް ފީސިބިލިޓީ ދިރާސާއެއް ތައްޔާރުކުރުމަށް އެ ކަމާ ބެހޭ މިނިސްޓްރީއަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށް ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވިއެވެ.

އެއާ ކަނެކްޓިވިޓީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ކަނޑުދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެކޮޅަށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހަރުދަނާ އެކްޝަން ޕްލޭނެއްގެ ދަށުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެއްބަސްވެވުނު އިޤްތިޞާދީ ކަންކަން ޢަމަލީ ގޮތުން ކުރިއަށް ގެންދިއުމަށްޓަކައި، ރައީސް މުޢިއްޒު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނު ސަރުކާރުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ފޮނުއްވާނެ ކަމަށް ޝެހްބާޒް ޝަރީފް ހާމަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމާ ގުޅިގެން ރައީސް މުޢިއްޒު ކުރައްވަމުންދާ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 ފަހުމުނާމާއެއްގައި (އެމްއޯޔޫ) ވަނީ ސޮއިކޮށްފައެވެ.