ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން 30 ދުވަހަށް ބަންދުކޮށްފި
ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުރި އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންވެސް ހައްޔަރުކޮށް ޓެސްޓު ކުރިއިރު ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ސައިކަލު ވަނީ މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިފައެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއި، ކ. ގާފަރު، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން، ފަހުން ހައްޔަރުކުރި އަނޫފް ބިން މުހައްމަދު (21އ) އަދި އަހްމަދު މާއިޝް މުހައްމަދު މާހިރު (21އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި، ސައްމާޙަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. އަދި ސިނާޒަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.
ފުލުހުން ވަނީ މި ހާދިސާއަކީ ނުރައްކާތެރި އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެފައެވެ.
Ads by MACL
