ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްކޭމްތަކުން ގެއްލުނު 3.1 މިލިއަން ރުފިޔާ ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި ފުލުހުން ހޯދައިދީފި

އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް / ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް / ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ބައިނަލްއަގުވާމީ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުން ބައިވެރިވެ، ސްކޭމްތަކުގައި އާންމުންނަށް ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން، އިންޓަޕޯލް އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި މި ބޮޑު އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތުގެ ކުށްތައް ހުއްޓުވުމެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]


https://twitter.com/PoliceMv/status/2113305369556701190

މިއަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ ތިން މަސްދުވަހުގެ ތެރޭގައި، ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ހުށަހެޅުނެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 (ފަސް މިލިއަން ދެލައްކަ ފަންސަވީސް ހާސް އެއްސަތޭކަ އެކެއް) ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވުނު ނަމަވެސް، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި ހަލުވި މަސައްކަތުން އޭގެ ތެރެއިން 3،104،075.38 (ތިން މިލިއަން އެއްލައްކަ ހަތަރު ހާސް ހަތްދިހަ ފަހެއް) ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ 59.1 އިންސައްތައެވެ.

މި އޮޕަރޭޝަނުގެ މުއްދަތުގައި ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ދެނެގަނެވިފައިވާއިރު، ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށްޓަކައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ފްރީޒްކޮށްފައެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށްޓަކައި އެންޓި-ސްކޭމް ސެންޓަރުން ވަނީ ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް ހިންގާފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގި 230 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެވެ. އަދި ފަހަކަށް އައިސް އިތުރުވަމުން އަންނަ ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގި 80 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މި އޮޕަރޭޝަނުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުވެފައިވެއެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ހުއްޓުވައި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ވަނީ ދެނެގަނެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 4،126 ބޭންކު އެކައުންޓަކާއި ސޯޝަލް މީޑިއާގެ 570 އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައެވެ.

މި އޮޕަރޭޝަނުގެ ރަސްމީ ނަތީޖާތައް ހާމަކޮށްފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.