ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނާއި ރާއްޖޭގެ އިގްތިސާދީ ބަދަހިކަމަށް އިސްލާމްއާބާދުގައި ބޭއްވި ފޯރަމަށް ބޮޑު ތަރުހީބެއް

ޕާކިސްތާނާއި ރާއްޖޭގެ އިގްތިސާދީ ބަދަހިކަމަށް އިސްލާމްއާބާދުގައި ބޭއްވި ފޯރަމަށް ބޮޑު ތަރުހީބެއް

ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އާ ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި 500 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވެއްޖެއެވެ.

އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައި ބޭއްވި މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ. މި ފޯރަމަކީ ރައީސް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ފޯރަމް ފައްޓަވައިދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ސީދާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

މި ފޯރަމްގެ ތެރެއިން އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ ރާއްޖޭގެ އިގްތިސާދީ މާހައުލާއި، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ހާއްސަ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މާލީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ފޯރަމްގެ ހަވާސާގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާއި ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މިއީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.