ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެޗްޕީގެ ސީރިއަސް ބަގަކާ ގުޅިގެން ވެބްސައިޓްތައް އަޕްޑޭޓްކުރަން ފުލުހުން އަންގައިފި

 ޑިޖިޓަލް ޒަމާނުގައި ސައިބަރ ސެކިއުރިޓީ އަދި ޑޭޓާ ރައްކާތެރިކުރުން / ފޮޓޯ: ފްރީޕިކް / ފްރީޕިކް ޕްރީމިއަމް
ޑިޖިޓަލް ޒަމާނުގައި ސައިބަރ ސެކިއުރިޓީ އަދި ޑޭޓާ ރައްކާތެރިކުރުން / ފޮޓޯ: ފްރީޕިކް / ފްރީޕިކް ޕްރީމިއަމް

ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތައް ބިނާކުރުމަށް ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިންގ ލެންގުއޭޖުގައި ސީރިއަސް ސެކިއުރިޓީ މައްސަލަތަކެއް (ވަލްނަރަބިލިޓީ) ފެނުމާ ގުޅިގެން، ވެބްސައިޓްތައް ހިންގާ ފަރާތްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީން ގުޅިގެން އިލްތިމާސްކޮށްފިއެވެ.

މިދިޔަ އޮކްޓޫބަރު 21 ގައި ހާމަކޮށްފައިވާ މި ސެކިއުރިޓީ ނުރައްކަލަކީ، އޭގެ ނުރައްކާތެރިކަން ދެނެގަންނަ މިންގަނޑު ކަމުގައިވާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިންގް ސިސްޓަމް  އިން 9.2 ގެ "ކްރިޓިކަލް" ރޭޓިންގއެއް ދެވިފައިވާ ބޮޑު ނުރައްކަލެކެވެ. "ޕީ.އެޗް.ޕީ 2 ޝެލްގެ ނަމުން ނަންދެވިފައިވާ މި މައްސަލައިގެ ސަބަބުން، ހެކަރުންނަށް އެއްވެސް ޔޫސަރނޭމް ނުވަތަ ޕާސްވޯޑަކާ ނުލައި، ސާވަރތަކަށް ވަދެ ހުއްދަނެތި ކޯޑު ރަންކޮށް ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

https://twitter.com/PoliceMv/status/2113325617731244210

މި ވަލްނެރަބިލިޓީގެ ބޭނުންހިފައިގެން ހެކަރުން ސައިބަރ ހަމަލާތަކެއް ދިނުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް ވޯޑްޕްރެސް ފަދަ މަޤްބޫލު ޕްލެޓްފޯމްތަކާއި، ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތަކުން ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ޚިދުމަތްތައް މެދުކެނޑުމުގެ ބިރު އޮތުމުން، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުން މުހިންމެވެ.

ރައްކާތެރިވުމަށް އެޅުމަށް އިރުޝާދުދޭ މުހިންމު ފިޔަވަޅުތައް:

• ވަގުތުން ސޮފްޓްވެއާ އަޕްޑޭޓްކުރުން: ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.5.12, 8.4.27, 8.3.36, 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ސިސްޓަމްތައް ލަސްނުކޮށް އަޕްގްރޭޑްކުރުން.
• ރައްކާތެރިކަން ކަށަވަރުކުރުން: އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިންގ ޕްރޮވައިޑަރުންނާ ގުޅައި، ބޭނުންކުރާ ސާވަރތަކަކީ މި ނުރައްކަލުން ރައްކާތެރިކުރެވިފައިވާ ސާވަރތަކެއްކަން ޔަގީންކުރުން.
• މޮނިޓަރިންގ ވަރުގަދަކުރުން: އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި، ސިސްޓަމްތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި މޮނިޓަރކުރުން.
• ރިޕޯޓްކުރުން: ހުއްދަނެތި ސިސްޓަމަށް އެއްވެސް ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއެކު ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުން.

ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނެފައިވަނީ، އެއްވެސް ކަހަލަ ސައިބަރ ހަމަލާއަކަށް ޝައްކު ކުރެވިއްޖެނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަން ފާހަގަކުރެވިއްޖަނަމަ، އިތުރު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކުރުމަށްފަހު، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.