ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައިފި

ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުން --- ފޮޓޯ: ޖޭއެސްސީ
ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުން --- ފޮޓޯ: ޖޭއެސްސީ

ރާއްޖޭގެ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު ފަނޑިޔާރަކު، އެ ބޭފުޅުންގެ މަގާމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބޭފުޅުންނަށް ހުވައިލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޟީ އަލްއުސްތާޛާ މަރްޔަމް ވަހީދެވެ. މި ފަނޑިޔާރުންނަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން، އިންޓަވިއު ކުރުމަށްފަހު މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާއިން އައްޔަންކުރަން ނިންމެވި ބޭފުޅުންނެވެ.

މަގާމުގެ ހުވާކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެއްވި ގާނޫނީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހއ. ހޯރަފުށީ ވާރޭވިލާ އަލްއުސްތާޛު ފަތުހުއްލާ އަލީއާއި، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެއްވި ޝަރުއީ ދާއިރާގައި ނުވަ އަހަރުގެ ތަޖުރިބާ ހުރި ބ. ގޮއިދޫ ލިލީވިލާ އަލްއުސްތާޛާ ދިޔާނާ މަޖީދު ހިމެނިވަޑައިގަންނަވައެވެ. އަދި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެއްވި ޝަރުއީ ދާއިރާގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބ. އޭދަފުށީ ހުސްނުހީނާގެ އަލްއުސްތާޛު ހުސައިން ރަމީޒުގެ އިތުރުން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރެއްވި ޝަރުއީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޏ. ފުވައްމުލަކު މާދަޑު ހުމަށި އަލްއުސްތާޛާ މަރްޔަމް އާސިރާ ހިމެނިވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު ވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅުންނަކީ އަބަދުވެސް އުޅުމާއި ސުލޫކަށް ހާއްސަ އިސްކަމެއް ދެއްވަންޖެހޭނެ ބައެއްކަން ފާހަގަކުރައްވާފައެވެ. ފަނޑިޔާރުކަމަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނުއަސާސީގެ ހަމަތައް ނަގަހައްޓަންޖެހޭ ބޮޑު އަމާނާތެއްކަން ފާހަގަކުރައްވައި، ފަނޑިޔާރަކަށް ވުމާއެކު އާންމު ދިރިއުޅުމުގެ އާދަކާދަތަކަށްވެސް ބަދަލުތަކެއް އަންނަންޖެހޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ކުރިން އާންމުންގެ ތެރެއަށް ނުކުމެ އުޅުނު ގޮތަށް ނުކުމެ މީހުންނާއެކު ވަގުތު ހޭދަކުރުމުގައި ވިސްނަންޖެހޭނެކަމަށާއި، ފަނޑިޔާރުން އުޅޭނޫޅޭ ގޮތް އާންމުން އަބަދުވެސް ބަލަމުންދާނެކަން ހަނދާންކޮށްދެއްވިއެވެ.

ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ޝަރީއަތްތައް ނިންމުމުގައި ދިމާވާ ބައެއް ލަސްތަކަކީ ހަމައެކަނި ކޯޓުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫންކަންވެސް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.