އާދިއްތަ ދުވަހުން ފެށިގެން ވިއްސާރަ އަލިވަނީ؛ އަންގާރައިގައި އަނެއްކާވެސް ވައިގަދަވާނެ!
މިހާރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ލަފާކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވި ނަމަވެސް، ކުރިއަށްއޮތް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ މޫސުން ގޯސްވާން ފަށާނެ ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާނުކުރެވުނު ނަމަވެސް، ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
Ads by BMLވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ކުޅުދުއްފުށި ސިޓީއަށް
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް 188.3 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 125.7 މިލިލީޓަރުގެ ވާރެއެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހިގެން ރިޕޯޓުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:
• ކ. ދިއްފުށި: 62.4 މިލިލީޓަރު
• ފ. ނިލަންދޫ: 59.3 މިލިލީޓަރު
• ނ. މާފަރު: 58.7 މިލިލީޓަރު
• ރ. އިފުރު: 52.5 މިލިލީޓަރު
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި މެޓް އޮފީހުން ވަނީ މި ދުވަސްވަރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތައް ހިނގަމުންދާތީ، ގެދޮރަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުމަށާއި، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ދަތުރުތައް ރޭވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
Ads by MACL
