ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިޔަސް އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން: ހުކުރު ޚުޠުބާ

މާލޭގެ އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ނަމާދުގެ ބޮޑު ޖަމާޢަތަށް މީހުން ޖަމާވެފައި — ފޮޓޯ ކްރެޑިޓް:ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް ނިއުސް)
މާލޭގެ އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ނަމާދުގެ ބޮޑު ޖަމާޢަތަށް މީހުން ޖަމާވެފައި — ފޮޓޯ ކްރެޑިޓް:ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް ނިއުސް)

ޙަޤީޤީ މުސްލިމަކީ ދިރިއުޅުމުގައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނު ކަމުގައި ވިޔަސް، ނުވަތަ ކޮންމެ ފަދަ އަނިޔާއަކާއި ފިތުނައަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މަޢުޟޫޢަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. އަދި އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާ ކަމަށާއި، ޤިޔާމަތާ ހަމައަށް އިންސާނިއްޔަތަށް އޮތް ހަމައެކަނި ސަލާމަތުގެ މަގަކީ ވެސް މިއީ ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވަނީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދީނީ ވާޖިބުތަކަށް އިހުމާލުވެ، ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވަމުންދާ ކަމީ ހިތާމަހުރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މުސްލިމުންނަށް މަތިވެރިކަމާއި، ޝަރަފާއި، ޢިއްޒަތް ލިބިގެންވަނީ މި މަތިވެރި ދީނުގެ ސަބަބުން ކަމަށާއި، އިސްލާމީ ތާރީޚަކީ މިކަމުގެ އަލިގަދަ ހެތްކެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަންނަކަން ފާހަގަކުރައްވައި، މުސްލިމުންނަށް އަލުން އާރާއި ބާރު ލިބޭނީ މާތް ﷲގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެގެން ކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.