އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މަތިވުމަށް މެދުވެރިވާ އެލް-ނީނޯ ކޮންޑިޝަންގެ ބާރު ކުރިއަށް އޮތް މަސްތަކުގައި ގަދަވެގެންދާނެއެވެ. ޚާއްސަކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ވާރޭވެހޭ މިންވަރު މަދުވެ، އިންސާނުންނަށް އިހުސާސްކުރެވޭ ހޫނުމިން ނުވަތަ ފީލްސް ލައިކް ޓެމްޕަރޭޗަރު ވަރަށް ބޮޑަށް އުފުލޭނެތީ އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ، އެލް-ނީނޯގެ ބާރު އެންމެ ގަދަވާނެ ނުވަތަ ޕީކަށް ދާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ޑިސެމްބަރު މަހަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ، ދެ މޫސުން ބަދަލުވާ ދުވަސްވަރު ކަމުން އެ މަހު ވާރޭވެހުނު ނަމަވެސް، ޖެނުއަރީން ފެށިގެން ވާރޭވެހުން މަދުވެ ހޫނުގަދަ ދުވަސްތައް ގިނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކުރިމަތިވާ މައްސަލައެއް ނަމަވެސް، މިއަހަރު އެލް-ނީނޯގެ ސަބަބުން މި މައްސަލަ އިތުރަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ އާއި އދ. އިން ވެސް ވަނީ ދުނިޔޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ހަނަފަސްކަމާއި ބޯކޮށް ވާރޭވެހުން ފަދަ ކަންކަން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކުރިމަތިވަމުންދާ ކަމަށް އިންޒާރު ދީފައެވެ.
Ads by MACL
