ފުވައްމުލަކުގައި މިފްކޯގެ ހަތްވަނަ މަސްފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށައިފި
ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، އެ ކުންފުނީގެ ހަތްވަނަ މަސްފިހާރަ އެ ސިޓީގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ގާއިމުކުރި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއެވެ.
ރާއްޖޭގެ އެކި ސިޓީތަކުގައި މަސްފިހާރަތައް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބޭރުގައި ހުޅުވި މިއީ ދެވަނަ ފިހާރައެވެ. މީގެ ކުރިން މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައިވެސް މިފްކޯގެ ފިހާރައެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ހިންގާ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށްވެސް އެ ކުންފުނީގެ އުފެއްދުންތައް އަންނަނީ އާންމުންނަށް ފޯރުކޮށްދެމުންނެވެ.
Ads by BMLމި ފިހާރަ ހުޅުވުމާއެކު ފުވައްމުލަކުގެ ރައްޔިތުންނަށް މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ލުއި އަގެއްގައި، ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މިފްކޯގެ ހުރިހާ މަސްފިހާރަތަކެއް ހަފުތާގެ ހަތް ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސާފައިވާތީ، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަސް ހިމެނޭހެން މެދުނުކެނޑި ޚިދުމަތް ލިބެމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ވިޔަފާރީގެ ވިއުގަ ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށްވެސް މިފަދަ މަޝްރޫއުތަކުން ބާރުއަޅާނެއެވެ.
Ads by MACL
