ޣައްޒާގެ ސުލްހައިގެ ބޯޑުގައި ބައިވެރިވުމާމެދު ވިސްނުމަށް އިންޑޮނޭޝިއާއަށް އދ އިން ގޮވާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެކުލަވާލުމަށް މަސައްކަތްކުރަމުންދާ، ފަލަސްޠީނުގެ ސުލްޙަ ބެލެހެއްޓުން ވިލަރެސްކުރާ ބޯޑު، "ބޯޑް އޮފް ޕީސް" ގައި އިންޑޮނޭޝިއާއިން ބައިވެރިވުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާކުރުމަށް، ފަލަސްޠީނުގެ ޙައްޤުތަކާބެހޭ އދގެ ޚާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީސް ގޮވާލައްވައިފިއެވެ.
އަލްބަނީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާއަކީ ތާރީޚީ ގޮތުން ވެސް ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލަމުން އަންނަ ޤައުމަކަށްވާއިރު، އިސްރާއީލު ވެސް ހިމެނޭ މި ބޯޑާ ގުޅުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށެވެ.
އދގެ ޚާއްސަ މަންދޫބު ފާހަގަކުރެއްވި ގޮތުގައި މި ޕްލޭނަކީ ޔަހޫދީންގެ ނިރުބަވެރި ދައުލަތާއި އެމެރިކާގެ މަސްލަޙަތާއި ނުފޫޒު އިސްކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ބައްޓަންކުރެވިފައިވާ ރޭވުމެކެވެ. ޣައްޒާގެ އިދާރީ ހިންގުން ވަގުތީ ގޮތުން ބެލެހެއްޓުމަށް އުފައްދާ މި ބޯޑުގައި ފަލަސްޠީނުގެ އެއްވެސް މަންދޫބަކު ހިމަނާފައި ނުވާތީ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
Ads by BMLމި ފާޑުކިޔުންތަކާ ގުޅިގެން ބޯޑުގެ އޮފިޝަލުން މަދަނީ ކަންކަން ހިންގުމުގައި ފަލަސްޠީނުގެ ފަންނީ މާހިރުންގެ ކޮމިޓީއަކުން ހަރަކާތްތެރިވާނެ ކަމަށް ބުނި ނަމަވެސް، އަލްބަނީސް ވަނީ އެއީ ހަމައެކަނި ދެއްކުންތެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނީ އުސޫލުތައް ނެގެހެއްޓުމަށް ވަކާލާތުކުރާ "ދަ ހޭގް ގްރޫޕް" އާ ގުޅުމަށް އިންޑޮނޭޝިއާއަށް އިލްތިމާސްކުރައްވައިފައެވެ.
މި ނިންމުމާ ގުޅިގެން އިންޑޮނޭޝިއާގެ ސަރުކާރަށް އެ ޤައުމުގެ މުސްލިމް ޖަމާޢަތްތަކުގެ ހިތްހަމަނުޖެހުމާއި ނުރުހުން އަމާޒުވެފައިވާއިރު، އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބޯޑާ ގުޅޭ މަޝްވަރާތައް މިވަގުތު ވަނީ މެދުކަނޑާލައިފައެވެ. އަދި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެފައިވަނީ، މި މަސައްކަތުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭނަމަ، އެ ބޯޑުން ވަކިވާން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
Ads by MACL
