ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ބަދިގެ އަނދައިފި؛ ހާލުގައި ޖެހުނު އާއިލާއަށް އެންޑީއެމްއޭގެ އެހީތެރިކަން
ހުޅުމާލޭގެ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
މިއަދު ހަވީރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެންޑީއެމްއޭ އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
އެންޑީއެމްއޭ އިން ވިދާޅުވި ގޮތުގައި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާން ރޯވުމުގެ ސަބަބުން އެ އެޕާޓްމަންޓުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެ، ބޭނުންނުކުރެވޭ ވަރު ވަނީ ވެފައެވެ. އަދި މުޅި ގޭތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުގެ ސަބަބުން، އެ ބާވަތުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެ ގޭގައި ދިރިއުޅެމުންދިޔަ 4 މީހުން ވަނީ ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކޮށްފައެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާގެ 4 މީހުންނަށް، އެންޑީއެމްއޭ އިން ވަނީ 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުރިއަށް އޮތް 5 ދުވަހުގެ ކެއިންބުއިމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.
Ads by MACL
