ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހއ. އާއި ޅ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް؛ ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން އަވަދިނެތި

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި/ ފޮޓޯ: އެމްއެންޑީއެފް
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި/ ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވުމާ ގުޅިގެން، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އަތޮޅުތަކުގެ ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ނުކުމެ، ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކަށެވެ. މީގެ ތެރެއިން ހދ. ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާލަތު އެންމެ ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ. އަދި އެ ރަށުގެ ފެންގަނޑު ހިންދުމަށްޓަކައި މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

މީގެ އިތުރުން، ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަން ދީފައިވާއިރު، ކުމުންދޫ، ކުޅުދުއްފުށި ސިޓީ، ނޮޅިވަރަންފަރު އަދި ފިނޭގެ މަގުތަކުން ފެންހިންދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
ޅ. އަތޮޅުގެ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަންނަމުންދާތީ، މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ ޕަންޕު ބޭނުންކޮށްގެން ފެންހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ، ބ. ކުޑަރިކިލު އަދި ނ. ލަންދޫގައި ވެސް ފެންބޮޑުވެ ގެތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކުރި ގޮތުގައި، ވިއްސާރައާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން އަރައިގަނެ، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން ފުލުހުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.