ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް!

ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެފައި / ފޮޓޯ: އެމްއެންޑީއެފް
ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެފައި / ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކާއި ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލީ ގޮތުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅެވެ. އެ އަތޮޅު ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހާލަތު އެންމެ ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ. އަދި އެ ރަށު މަގުތަކުން ފެންހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ އެ ތަންތަނުގައި ވެލިބަސްތާ ޖަހައި ފުލުހުން ވަނީ އިތުރަށް ފެންވަނުން ހުއްޓުވައިދީފައެވެ. ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާއިރު، އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. ކުޅުދުއްފުށި ސިޓީއަށާއި ނޮޅިވަރަންފަރަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާ އެކު ފުލުހުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ވިއްސާރައާ ގުޅިގެން ހދ. އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކާ ގުޅިގެން ފުލުހުން އަބަދުވެސް ތައްޔާރަށް އޮންނާނެއެވެ