ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާމީނިއާގެ ޝިރާކް އެވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ

ކެޕްޝަން: އާމީނިއާގެ ޝިރާކް އެވިއާއިން ރާއްޖެއަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮއިންގ 737-800 މަރުކާގެ ބޯޓެއް _ ފޮޓޯ ކްރެޑިޓް: ޝިރާކް އެވިއާ
ކެޕްޝަން: އާމީނިއާގެ ޝިރާކް އެވިއާއިން ރާއްޖެއަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮއިންގ 737-800 މަރުކާގެ ބޯޓެއް _ ފޮޓޯ ކްރެޑިޓް: ޝިރާކް އެވިއާ

ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، އާމީނިއާގެ ޝިރާކް އެވިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ.

އާމީނިއާގެ ވެރިރަށް ޔެރެވާނާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ކުރިއަށްގެންދާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.

ބޮއިންގ 737-800 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކުރާ މި ސީޒަނަލް ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުއެވެ. މި ފްލައިޓްތައް ޔެރެވާނުން ފުރައިގެން ރާއްޖެއަށް އައުމުގެ މަގުމަތީގައި އޮމާންގެ މަސްކަޓުގައި ޓެކްނިކަލް ސްޓޮޕެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެށޭ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަމުންދާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގެ އޮޕަރޭޝަންތައް ލުއިފަސޭހަކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ކުރިން ބޭނުންކުރި ބައިނަލްއަޤްވާމީ ޓާމިނަލް ނުވަތަ މިހާރުގެ ޓާމިނަލް 2، ކުރިއަށް އޮތް ވިންޓަރ ސީޒަނުގައި ބައެއް އެއާލައިންތަކަށް ޚާއްޞަކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާއެކު ޖުމްލަ 10 އެއާލައިނެއްގެ އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރެވޭނެއެވެ. އެމްއޭސީއެލްއިން ހާމކުރި ގޮތުގައި މި ނިންމުމުގެ ސަބަބުން ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު ދެ ޓާމިނަލްއިންވެސް ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ޚިދުމަތްދެވި، އެއާޕޯޓުގެ ޖާގަ އިތުރުވެ، ޗެކްއިން ކައުންޓަރުތައް ގިނަވެގެންދާނެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަސިންޖަރުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ގެނައި ބަދަލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.