އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން އޯކޭވި އިމްރާނަށް ރަސްމާލެ މަޝްރޫޢު ކަމަކު ނުދިޔަ
އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވިއިރު އޯކޭވި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ، ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކަވަން ފެއްޓެވުމުން އޭނާގެ ދެފުށްދެގޮތް ސްޓޭންޑަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ރަސްމާލެ މަޝްރޫޢު މިހާރު އޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، މުސްތަޤްބަލުގެ ޖީލުތަކަށް ޤައުމީ ކަންކަން ނިންމުމުގެ ބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢާ ދެކޮޅަށް ފަށާފައިވާ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ވެސް ލީޑު ކުރައްވަނީ އިމްރާނެވެ.
ނަމަވެސް، އިމްރާން ހޯމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު، އުތުރު ތިލަފަޅުގައި އަސްކަރީ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމަށް އިންޑިއާއެކު އެއްބަސްވުން ހެދިއިރު އެއްވެސް ކަންބޮޑުވުމެއް ފާޅުކުރައްވާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ އެކަން ހަނދާންކޮށްދެމުންނެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެބްރުއަރީ 2021 ގައި ސޮއިކުރި ޔޫޓީއެފް މަޝްރޫޢަކީ އިންޑިއާގެ ރެއިލް ވިކާސް ނިގަމް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
Ads by BMLhttps://twitter.com/ShimranAb/status/2113549252379218420
އެމްޑީޕީ އިސްވެ އޮތް ސަރުކާރުގައި ހެދި ޔޫޓީއެފް އެއްބަސްވުމާ ގުޅިގެން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ޤައުމީ ސިޔާދަތަށް އަސަރުކުރާނެ ކަމަށް ބުނެ އާންމުންނާއި ސިޔާސީ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރިއެވެ. އަދި ކުރީ ސަރުކާރުގައި ޔޫޓީއެފްގައި އިންޑިއާ ސިފައިން ތިބިކަން ލިޔެކިޔުންތަކުން އެނގެން އޮތް ނަމަވެސް، މިހާރުގެ ސަރުކާރުގެ ދަށުން އެތަނުގައި އެއްވެސް ބޭރުގެ އަސްކަރީ ސިފައިންގެ މީހަކު ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކެވި އެމްޑީޕީގެ މަޖިލިސް މެންބަރަކު ފާހަގަކުރެއްވި ގޮތުގައި، ޔޫޓީއެފް އެއްބަސްވުމަކީ ދެ ސަރުކާރުގެ ދެމެދުގައި އަސްކަރީ ސިއްރުތަކާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު އޮތް އެއްބަސްވުމެކެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢަކީ އަމިއްލަ ކުންފުންޏަކާއެކު ހިންގާ ވިޔަފާރީގެ ތަރައްޤީގެ މަޝްރޫޢެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގައި ސޮއިކުރިއިރު ސަރުކާރުގެ އިސް މަޤާމެއްގައި ހުންނަވައިގެން ހަނުހުރެ، މިއަދު ރަސްމާލެ މަޝްރޫޢުގެ މަޝްވަރާ މަރުޙަލާގައި އިމްރާން ސިޔާދަތުގެ ވާހަކަ ދައްކަވަނީ ސިޔާސީ މަޤުޞަދެއް ހާސިލުކުރަން އޮޅުވާލުމުގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުން ބުނަމުންދަނީ ރަސްމާލެ މަޝްރޫޢު ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިން، ޤައުމީ ސިޔާދަތު ރައްކާތެރިކުރެވޭ ގޮތަށް ކަމަށެވެ.
Ads by MACL
