ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުމަތީގައި ހާލުގައި ޖެހުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުގަދަވުމުގެ ސަބަބުން އުޅަނދުފަހަރު ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު — ފޮޓޯ: ޕީއެސްއެމް ނިއުސް
ކަނޑުގަދަވުމުގެ ސަބަބުން އުޅަނދުފަހަރު ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު — ފޮޓޯ: ޕީއެސްއެމް ނިއުސް

މި ހާދިސާ ހިނގާފައިވަނީ ރ. ދުވާފަރުން ފުރައިގެން އެ އަތޮޅު ކަނދޮޅުދޫއަށް ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓިގެންނެވެ.

މިއަދު ހަވީރު 16:56 ހާއިރު މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ދުވާފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ފުލުހުން ވަނީ ތިން މީހުންނާއެކު ދަތުރުކުރި މި ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައި، އޭގެ އިންޖީނު މަރާމާތުކުރުމުގެ މަސައްކަތުގައި އެހީތެރިވެދީފައެވެ. މި ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝްގެ ރައްޔިތަކަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި، ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.